އެއާ އޭޝިއާ އިން މެލޭޝިއާގެ ކުއަލަލަމްޕޫރާއި މާލެއާ ދެމެދު އަންނަ މަހުގެ 26ން ފެށިގެން ކޮންމެ ދުވަހަކު ދަތުރެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އޭޝިއާގެ އެންމެ ވަރުގަދަ ބަޖެޓް އެއާލައިނުން ބުނީ ރާއްޖެ އަށް އަންނަ މަހު ދުވާލަކު ދަތުރެއް ބާއްވާއިރު، ކުއަލަލަމްޕޫރުން މާލެއަށް އެއްކޮޅު ޓިކެޓެއްގެ އަގު އުޅޭނީ 199 ރިންގިޓް (44.7 ޑޮލަރު)ން ފެށިގެން ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް އެ އަގުގައި ވިއްކި ޓިކެޓުން މިއަދުން ފެށިގެން އޭޕްރިލް 26އާ ދެމެދު ދަތުރުކުރެވޭނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
އެއާ އޭޝިއާގެ ރާއްޖޭގެ އެޖެންޓް، އޯލް އެޗްގެ އިސްބޭފުޅަކު ވިދާޅުވީ މިހާރު ހަފުތާއަކު ތިން ދަތުރުކުރާ އެއާލައިނުން އަންނަ މާޗް 15ން ފެށިގެން ހަފުތާއަކު ފަސް ދަތުރު ކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އަށް ދަތުރުތައް ފެށި އެއާލައިނުން މިހާރު ދަތުރުކުރަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހުގަ އެވެ.