ތައިލެންޑުގެ ފުކެޓުން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުކުރަނިކޮށް ކުއްލިއަކަށް ތިރިވެ، ފަސިންޖަރުންނަށް އަނިޔާވި އެއާ އިންޑިއާ ފްލައިޓް 'ޕައިލެޓް އިން ކޮމާންޑް' ދެ ވަނަ ޑޯޕް ޓެސްޓުން ވެސް ފެއިލްވެފައިވާ ކަމަށާއި އޭނާ އިނީ ކެނަބިސް ބޭނުންކޮށްގެން ކަމަށް އެކި މަސްދަރުތަކާ ހަވާލާދީ އެންޑީޓީވީން ބުނެފި އެވެ. 

މި މަހުގެ 4 ގައި ފުކެޓުން ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ AI-2379 ފްލައިޓް ކުއްލިއަކަށް 300 ފޫޓަށް ތިރިވި އިރު، އޭގައި 137 ފަސިންޖަރުންނާއި އަށް ކްރޫއިން ތިއްބެވެ. މި ހާދިސާގައި މަދުވެގެން 20 ފަސިންޖަރުންނާއި ހަތަރު ކްރޫއިންނަށް އަނިޔާވި އެވެ.

އެންޑީޓީވީއަށް މައުލޫމާތު ދިން މީހުން ދީފައިވާ ގޮތުގައި، ދަތުރަށް ފަހު ހެދި ސްކްރީނިންގައި ޕައިލެޓް ވަނީ ނަފްސާނީ އަސަރުކުރުވާ މާއްދާއަކަށް (ސައިކޯއެކްޓިވް ސަބްސްޓެންސް) އަކަށް ޕޮޒިޓިވްވެފަ އެވެ. އެއަށްފަހު އިތުރު ޓެސްޓެއް ހެދިއިރު މި ޓެސްޓުން ވެސް އޭނާ ވަނީ ޕޮޒިޓިވްވެފަ އެވެ.

ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ޓެސްޓުން ވަނީ ޕައިލެޓް އިނީ ކެނަބިސް  ބޭނުންކޮށްގެންކަން ކަށަވަރުވެފަ އެވެ.

ކަންތައް ހިނގައިދިޔަ ގޮތް ތަފްސީލުކޮށްދެމުން މަސްދަރުތަކުން ބުނި ގޮތުގައި، އެއާބަސް A320neo މަރުކާގެ މި ބޯޓު ކުއްލިއަކަށް 300 ފޫޓަށް ތިރިއަށް ވެއްޓި، 'ނެގެޓިވް-ޖީ' ހާލަތަކަށް ދިޔައިރު ޕައިލެޓް އިނީ އޭނާގެ ގޮނޑިއަކު ނޫނެވެ. އެ ވަގުތު ބޯޓު ދުއްވަން އިނީ ކޯ-ޕައިލެޓެވެ. މިހެން ދިމާވީ ޕައިލެޓެއްގެ އަމަލަކުން ކަމެއް، ޓެކްނިކަލް މައްސަލައަކުން ކަމެއް ނުވަތަ ހައިޑްރޯލިކް މައްސަލައަކުން ކަމެއް އަދި ސާފެއް ނުވެ އެވެ. ބޯޓު ތިރިއަށް ވެއްޓުނު ވަގުތު ޕައިލެޓާއި ކޮކްޕިޓްގައި ހުރި ތަކެތި ވައިގެ ތެރެއަށް ބުރައިގެން ދިޔަ އެވެ. އަދި ބޯޓުގެ ފަހަތުގައި، ސީޓްބެލްޓް ނާޅައި ތިބި މީހުންނަށް ސީރިއަސް އަނިޔާތަކެއްވި އެވެ.

ތަހުގީގު ނިމެންދެން ދެ ޕައިލެޓުން ވެސް މިހާރު ވަނީ ޑިއުޓީން އެކަހެރިކޮށްފަ އެވެ.

 މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން މި ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

"އޭއޭއައިބީން މިހާރު އަންނަނީ މި ހާދިސާއާ ގުޅުންހުރި ފަންނީ، އޮޕަރޭޝަނަލް، މެޑިކަލް އަދި މާހައުލާ ގުޅޭ އެންމެހައި ހެކިތައް އެއްކޮށް، ރައްކާތެރިކޮށް، ދިރާސާކުރަމުންނެވެ. މީގެ ތެރޭގައި މަތިންދާބޯޓާއި އޭގެ ސިސްޓަމްތައް ބަލައިފާސްކުރުމާއި، ރެކޯޑްކުރެވިފައިވާ ފްލައިޓް ޑޭޓާ ދިރާސާކުރުމާއި، ކަމާބެހޭ އޮޕަރޭޝަނަލް އަދި މަރާމާތުގެ ރެކޯޑްތަކާއި، މެޑިކަލް މައުލޫމާތު ބެލުމުގެ އިތުރުން ސުވާލުކުރަންޖެހޭ ފަރާތްތަކާ އިންޓަވިއުކުރުން ހިމެނެ އެވެ. ވަކި ނިންމުމެއް ނިންމުމުގެ ކުރިން، އެއްކުރެވޭ މާއްދީ ހެކިތައް އޭގެ ފުރިހަމަކަމާ އެކު ދިރާސާކުރެވޭނެ އެވެ،" މިނިސްޓްރީން ބުންޏެވެ.

މަގާމުން ވަކިވެވަޑައިގަތުމަށް ތައްޔާރުވަމުން ގެންދަވާ، އެއާ އިންޑިއާގެ ސީއީއޯ ކެމްބެލް ވިލްސަން އިއްޔެ މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރައްވާފައިވާއިރު، މިނިސްޓަރު ރާމް މޯހަން ނައިޑޫ ވިދާޅުވީ މި ހާދިސާ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.