މޮރޮކޯގެ ރަބާތު އިންޓަނޭޝަނަލް މެރެތަންގައި މިއަދު ރާއްޖޭގެ އަހުމަދު ޝަރަފް ގައުމީ ހާފް މެރެތަން ރެކޯޑް މުގުރާލައި ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ކޮލިފައިވެއްޖެ އެވެ.
މި މަހުގެ 6 ވަނަ ދުވަހު ޕްރާގް މެރެތަންގައި 1 ގަޑި 13:04 މިނެޓުން ދުވެގެން ޝިފާޒް މުހައްމަދު ހެދި ރެކޯޑް ޝަރަފް މިއަދު މުގުރާލީ 1 ގަޑި 12:52 މިނެޓުން ދުވެގެންނެވެ. އައިއޯއައިޖީގެ ހާފް މެރެތަން އިވެންޓަށް ކޮލިފައިވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ދީފައިވާ 1 ގަޑި 13 މިނެޓުގެ ޓައިމިން އަށް ވާސިލްވެފައިވާތީ ޝިފާޒަށް ވެސް ވަނީ އެ ގޭމްސް އިން ފުރުސަތު ލިބިފަ އެވެ.
އައިއޯއައިޖީ އަށް ތައްޔާރުވުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ދިން ފުރުސަތެއްގައި މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ޝަރަފް ބުނީ ގޭމްސް އަށް ކޮލިފައިވެވުނީތީ އުފާކުރާ ކަމަށާއި އެކަމަކު ޔޫރަޕުގެ ރަނގަޅު މާހައުލެއްގައި، ފްލެޓް ރޫޓެއްގައި ދުވެވުނު ނަމަ މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވުނީސް ކަމަށެވެ.
"އަޅުގަނޑު މަސައްކަތްކުރިން ޔޫރަޕުގެ ރޭހަކަށް ދާން. އެކަމަކު ސްޕޮންސަރެއް ނެތުމުން އެކަން ހަމަޖެހޭ ގޮތެއް ނުވީ. ތަމްރީން ފުރުސަތު ދޭތީ މިނިސްޓްރީ އާއި އެސޯސިއޭޝަނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އެކަމަކު އިތުރު ސްޕޮންސަރެއް ލިބިއްޖެ ނަމަ ރޭސްތަކަށް ދިއުމަށް މަގުފަހިވެގެންދާނެ. މިވަގުތު އެކަމަށް ބަޖެޓެއް ނެތް،" މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ދުވަން ވީއްލާފައިވާ ޝަރަފް ބުންޏެވެ.
އެކަމަކު އޭނާ ބުނީ އައިއޯއައިޖީގައި ރަނގަޅު ޓައިމިން އެއް ހޯދަން ކުރިއަށް އޮތް ދެ މަސް ދުވަހު ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ކަމަށާއި ހާއްސަކޮށް ކުރިއަށް އޮތީ ރޯދަ މަހަށް ވުމުން، ތައްޔާރުވާން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށެވެ.
މީގެ ހަޔެއްކަ އަހަރު ކުރިން ރަސްމީކޮށް ދުވަން ފެށި ޝަރަފަކީ ރާއްޖޭގެ މެރެތަން ރެކޯޑް 27 އަހަރަށް ފަހު މުގުރާލި ދުވުންތެރިޔާ އެވެ. ސާފް ގޭމްސްގައި 1989 ވަނަ އަހަރު ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45.03 މިނެޓުން ހެދި ރެކޯޑް 2017 އަހަރު ޝަރަފް މުގުރާލީ 2 ގަޑި 42:28 މިނެޓުން ދުވެގެންނެވެ. އެކަމަކު ރެކޯޑް މިވަގުތު އޮތީ ޝިފާޒްގެ އަތުގަ އެވެ.
މޮރިޝަސްގައި ބާއްވާ އައިއޯއައިޖީގެ ހާފް މެރެތަން ދުވުމުން ރާއްޖެ އަށް ދީފައިވަނީ ފަސް ޖާގަ އެވެ. އެސޯސިއޭޝަނުން ދީފައިވާ ޓާގެޓް ހާސިލްކުރެވޭ ފަސް ދުވުންތެރިންނަށް އެ ފުރުސަތު އޮތްއިރު، އެއަށް ވުރެ ގިނަ ދުވުންތެރިން ތިބެއްޖެ ނަމަ ފުރުސަތު ދޭނީ އޭގެ ތެރެއިން އެންމެ ޓައިމިން ރަނގަޅު ފަސް ދުވުންތެރިންނަށެވެ.
އައިއޯއައިޖީގައި ރާއްޖޭން ވާދަކުރާ ފިރިހެން ސްޕްރިންޓް އަދި މިޑްލް ޑިސްޓެން ދުވުންތެރިން ނަގާނީ ދޯހާގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުންނެވެ. އޭގެ ފަހުން މާލޭގައި ބާއްވާ ޓައިމް ޓްރަޔަލް އިން ވެސް ރަނގަޅު ނަތީޖާ ހޯދާ ދުވުންތެރިންނަށް ފުރުސަތު އޮންނާނެ އެވެ. އަންހެން ޓީމު އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަނުކުރާތީ އައިއޯއައިޖީގައި ވާދަކުރާ އަންހެން ދުވުންތެރިން ނެގުމަށް ހާއްސަ ޓައިމް ޓްރަޔަލެއް މާލޭގައި ބާއްވާނެ އެވެ.
މި ފަހަރު ފަސް މެޑަލް ހޯދަން ޓާގެޓްކޮށްފައިވާ އެތުލެޓިކްސް އަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އަދި އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.