ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް ރާއްޖޭގެ ދިގު ރާސްތާ ދުވުންތެރިޔާ އަހުމަދު ޝަރަފް އަށް މޮރޮކޯގައި ތަމްރީން ހެދުމުގެ ފުރުސަތު ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް އެތުލެޓިކްސް އެސޯސިއޭޝަނުން ހަމަޖައްސައިދީފި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ސްކޮލަޝިޕެއްގެ ދަށުން 2017 ވަނަ އަހަރުން ފެށިގެން މޮރޮކޯގައި ތަމްރީން ހަދަމުން އައި ދުވުންތެރިޔާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް އޭޝިއަން ގޭމްސްގެ ފަހުން ތަމްރީން ހަދަމުން އައީ އަމިއްލަ ގޮތުންނެވެ. އެކަމަކު މިނިސްޓްރީ އާއި އެސޯސިއޭޝަނުން ހަމަޖައްސައިދިން ފުރުސަތާ އެކު މޮރިޝަސްގައި ޖުލައި މަހު އޮންނަ އައިއޯއައިޖީއާ ހަމަށް އެ ފުރުސަތު ލިބިގެންދާނެ އެވެ.

އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ މެރެތަން އަދި ހާފް މެރެތަން ރެކޯޑުގެ ހައްގުވެރި ދުވުންތެރިޔާ ޝިފާޒް މުހައްމަދަށް ވެސް މިނިސްޓްރީ މެދުވެރިކޮށް ކެންޔާ އިން ތަމްރީން ފުރުސަތު ހޯދައިދީފަ އެވެ. ޝިފާޒާއި ޝަރަފް ވެސް އައިއޯއައިޖީގައި ދުވާނީ ހާފް މެރެތަން ކެޓަގަރީންނެވެ. އެ އިވެންޓަށް ފަސް ދުވުންތެރިން ފޮނުވުމުގެ ފުރުސަތު ރާއްޖެ އަށް ލިބޭނެ އެވެ.

މީގެ އިތުރުން ސްޕްރިންޓް ދުވުންތެރިންނާއި މެދު ރާސްތާ ދުވުންތެރިން އަންނަނީ އިންޑިއާގެ ބެންގަލޫރުގައި ތަމްރީން ހަދަމުންނެވެ. އިންޑިއާ ސަރުކާރުން ދިން ފުރުސަތުގައި ތަމްރީން ހަދަނީ ހަސަން ސާއިދާއި ހުސެއިން ފަޒީލް ހާރޫންގެ އިތުރުން އުއްމީދީ ދުވުންތެރިން ކަމަށްވާ ހުސެއިން ރިޒާ އާއި ސަރީޝް އަހުމަދާއި އިބާދުﷲ އާދަމާއި އަހުމަދު ޝާމް މުހައްމަދާއި އިބްރާހިމް އަޝްފާން އަލީ (އައްޕި) އަދި މުހައްމަދު ނާއިލެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ތަމްރީން ފުރުސަތުތައް ހޯދައިދިން ނަމަވެސް ފައިނަލް ސްކޮޑަށް އަރާނީ އެސޯސިއޭޝަނުން ދޭ ޓައިމިން އަށް ފެތޭ ދުވުންތެރިން ކަމަށެވެ. މާނައަކީ މިހާރު ތަމްރީން ފުރުސަތު ނެތަސް، އަމިއްލަ ގޮތުން ދުވާ ދުވުންތެރިން ވެސް އެ ޓައިމިން އަށް ދުވެފި ނަމަ ފުރުސަތު ލިބުނެވެ. އަދި އޭޕްރިލް ފަހުކޮޅު ސްކޮޑް ފައިނަލް ކުރުމަށް ހުރިހާ ދުވުންތެރިންނަށް ވެސް ތަމްރީން ފުރުސަތު ދޭނެ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

ބެލެވޭ ގޮތުގައި މިވަގުތު އަމިއްލަ ގޮތުން ތަމްރީން ހަދަމުން އަންނަ މުހައްމަދު ރަޝީދު (މޯޑް) އަށް ވެސް އައިއޯއައިޖީ އިން ފުރުސަތު ލިބޭނެ އެވެ.

މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެތުލެޓިކްސްގެ އަމާޒަކީ މަދުވެގެން ފަސް މެޑަލް ހޯދުމެވެ. އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ކުރިން ވިދާޅުވީ ތަޖުރިބާ ހޯދަން އެސޯސިއޭޝަނުން އެތުލީޓުން ނުފޮނުވާނެ ކަމަށާއި ބައިވެރިވާނީ މެޑަލް ލިބޭނެ އިވެންޓްތަކުގައި ކަމަށެވެ.

އެންމެ ފަހަށް ތަމްރީން ހަމަޖެހުނު ޝަރަފަކީ ރާއްޖޭގެ މެރެތަން ރެކޯޑް 27 އަހަރަށް ފަހު މުގުރާލި ދުވުންތެރިޔާ އެވެ. ސާފް ގޭމްސްގައި 1989 ވަނަ އަހަރު ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45.03 މިނެޓުން ހެދި ރެކޯޑް 2017 އަހަރު ޝަރަފް މުގުރާލީ 2 ގަޑި 42:28 މިނެޓުން ދުވެގެންނެވެ. އަދި ހާފް މެރެތަން ރެކޯޑް ވެސް ޝަރަފް ހެދި އެވެ. އެކަމަކު އެ ދެ ރެކޯޑް ވެސް މިހާރު އޭނާ އަތުން ގެއްލި އޮތީ ޝިފާޒުގެ އަތުގަ އެވެ.

ޝަރަފް ދާދި ފަހުން ބުނީ މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގެ ރެކޯޑްތައް މުގުރާލުމުގެ ވިސްނުމުގައި ނޫން ކަމަށާއި އަމާޒަކީ ދިގު މުއްދަތުގައި މައިދާނުގައި ކާމިޔާބީ ހޯދަން ކަމަށެވެ.

"އަޅުގަނޑު މަސައްކަތްކުރަމުން މި އަންނަނީ ރާއްޖޭގެ ރެކޯޑް ހެދުމުގެ ވިސްނުމުގައެއް ނޫން. އަޅުގަނޑު ފެށީ ވެސް ދިގު މުއްދަތުގެ އަމާޒުތަކެއް އޮވެގެން. އެކަމަށް މިހާރު ވެސް މި މަސައްކަތްކުރަނީ،" ޝަރަފް ބުންޏެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދުމުގެ އިތުރުން ދެން އޮތް އަމާޒަކީ އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުމެވެ. ނުވަތަ 2024 ވަނަ އަހަރު އެކަން ކުރުމެވެ.

ރޭހަކަށް ފަހު ރޭހެއް ދުވަން ނުވިސްނަން. މެރެތަން ރޭހެއް ދުވެފައި ވެސް ރަނގަޅަށް ރިކަވާވެގެން ދެން ދުވަން ބޭނުންވަނީ. އެކަމަށް ވިސްނައިގެން ދިގު މުއްދަތަށް ޕްލޭން ހަދާފައި އޮތީ. ދުވުމުން ކާމިޔާބު ހޯދުމަކީ ހަމަ ދާގޮތަށް ކުރެވޭނެ ކަމެއް ނޫން. ބައެއް ފަހަރު ފަހަރު ވެއްޓޭނެ. އެކަމަކު މީގައި މުހިއްމީ އަނެއްކާ ވެސް ތެދުވެ މަސައްކަތްކުރުން،" ރެކޯޑްތައް މިވަގުތު ގެއްލިފައިވުމަކީ މައްސަލައެއް ނޫން ކަމަށް އިޝާރާތްކޮށް ޝަރަފް ބުންޏެވެ.