ޒުވާން ކުޅުންތެރިންގެ މައްޗަށް ޓީމު ބިނާކޮށްގެން އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދޭން މިއީ ގޯސް ވަގުތެއް ކަމަށް ނުދެކޭ ކަމަށާއި، ވެލެންސިއާ އަކީ އަބަދުވެސް ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރާ ކްލަބެއް ކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ފެސްކޯ މިހެން ބުނީ މިރޭ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކްލަބް އީގަލްސް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، އިއްޔެ ގަލޮޅު ދަނޑުގައި އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ.

މުބާރާތުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-0 އިން ބަލި ވެފަ އެވެ. އަދި ސީޒަނަށް ދުރާލާ ތައްޔާރު ވެފައިވާ އީގަލްސް އާ ދެކޮޅަށް ގުރޫޕް ސްޓޭޖްގެ ފަހު މެޗަށް ނުކުންނައިރު ވެލެންސިއާ ސެމީ ފައިނަލަށް ދާން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވާން ޖެހޭނެ އެވެ. ނަމަވެސް ފެސްކޯ ބުނީ ޓީމުގެ އަމާޒަކީ ވަކި ޓީމަކަށް ޗެލެންޖްނުކޮށް ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތް ކުރުން ކަމަށެވެ.

ފެސްކޯ ބުނީ ޓީމުގައި އޮތީ ޒުވާން ސްކޮޑެއް ކަމަށާއި މުބާރާތެއްގައި ވާދަކުރާއިރު އެ ވާހަކަ ދެއްކުމަކީ މާ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ. އަދި ފުރަތަމަ މެޗުގައި ހިތްހަމަ ޖެހޭ ކުޅުމެއް ކުޅުންތެރިންގެ ފަރާތުން ފެނުނު ނަމަވެސް ބަލިވީ އުންމީދު ކުރި ވަރަށް ވުރެ ބޮޑު ނަތީޖާއަކުން ކަމަށް ފެސްކޯ ބުންޏެވެ.

އުމުރުން 26 ނުވަތަ 27 އަހަރުގައި ވެލެންސިއާގެ ހެޑް ކޯޗުގެ މަގާމު އަދާކުރަން ލިބުނު ފުރުސަތު ފާހަގަކޮށް ފެސްކޯ ބުނީ، ޒުވާން ކުޅުންތެރިންނަށް ހަގު އުމުރުގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހޯދައިދިނުމަކީ އެއީ އެ ކުދިންނަށް ޒުވާން އުމުރުގައި ސީނިއާ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ހޯދަން ކޮށައިދެވޭ މަގެއް ކަމަށެވެ.

"ރާއްޖޭން ބޭރުގަ ވެސް 16 އަހަރުގައި ނޫނީ 17 އަހަރުގައި ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން މަދެއް ނޫން ހަމަ ޔަގީނުންް ވެސް. އޭގެ މާނައަކީ އެމީހުން އޭޖް ގުރޫޕް ޓީމެއްގައި ތިބެފައި ކުއްލިއަކަށް ޖަމްޕެއް ނުކުރާނެ ސީދާ ނެޝެނަލް ޓީމަކަށް،" ފެސްކޯ ބުންޏެވެ.

މާނައަކީ ލީގުގައި މެޗުތަކެއް ކުޅެގެން ޕާފޯމަންސް ފެނިގެނޭ އެމީހުންނަށް ނެޝެނަލް ޓީމުން ޖާގަ ލިބެނީ. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އެބަ ކުޅެން ފަށަ 14 އަހަރު ނޫނީ 15 އަހަރުގައި. އެހެންވެ ކީއްވެގެންހޭ އަޅުގަނޑުމެން ރާއްޖޭގައި އެކަން އެހެން ނުކުރާން ވީ؟ ސަބަބެއް ނެތް! ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަޅުގަނޑަށް އެނގިފައި އޮތް ގޮތުން 15 އަހަރުގައި ކުޅެން ފެށީ ފުރަތަމަ ޑިވިޝަން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއީ ނުބައި ޓައިމިން އެއް ކަމަކަށް."

ސީނިއާ މަދު ކުޅުންތެރިންތަކަކާ އެކު ވެލެންސިއާ ނުކުންނައިރު ފެސްކޯ ބުނީ ޓީމަށް ދިމާވެފައި އޮތް އެންމެ ބޮޑު ޗެލެންޖަކީ މި ޓްރާންސްފާ ޕީރިއަޑްގައި އެޓީމަށް އަލަށް ގެނައި ކުޅުންތެރިން ރަޖިސްޓާ ނުކުރެވުން ކަމަށެވެ. އަދި އެ ކުޅުންތެރިން ރަޖިސްޓާ ކުރެވޭ ހިސާބުން ޒުވާން ކުޅުންތެރިންނަށް މިހާރަށް ވުރެ ރަނގަޅަށް ޕާފޯމް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފެސްކޯ ބުންޏެވެ.

ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 10 ޖަހާއިރެވެ.