ޕޮލިސް ކްލަބްގެ މައްޗަށް ފައިނަލުގައި 3-2 ސެޓުން ކުރި ހޯދައި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދިއިރު، މި ފަހަރު ވެސް މި ކާމިޔާބީގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ފައިނަލު މެޗާއި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަށެވެ. އޭނާގެ ހުނަރާއި ލީޑަޝިޕް އަދި ޓީމު ރޫހު މި މުބާރާތުގައި ވެސް ވަރަށް ފުރިހަމަ އަށް ފެނިގެންދިޔަ އެވެ.

"މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީމަ ވަރަށް އުފާވޭ އަބަދުވެސް މަސައްކަތްކުރަނީ ޓީމު މޮޅަށް ކުޅުވަން. ޓީމު މޮޅަށް ކުޅުނީމަ ކަންނޭނގެ މޮޅު ކުޅުންތެރިޔާގެ މަގާމު މި ލިބެނީ،" ރޭގެ ފައިނަލަށް ފަހު ލޯންގޭ ބުންޏެވެ.

މިދިޔަ އަހަރު މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުން އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބު ކުރުމަށް ފަހު ގައުމީ މުބާރާތުގެ ފައިނަަލަށް ނުކުތީ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރުމުގެ އުއްމީދުގަ އެވެ. އެކަމަކު އެރޭ މޯލްޑިވިއަން ހުއްޓުވީ ވެސް ލޯންގޭގެ މޮޅު ކުޅުމާ އެކު ސިފައިންނެވެ. ހަމައެގޮތަށް މި ފަހަރުގެ މުބާރާތުގައި ޕޮލިހުން ވެސް ފައިނަލަށް އައީ މެޗަކުން ބަލިނުވެ އެވެ. ސެމީ ފައިނަލުގައި ސިފައިންގެ މައްޗަށް ވެސް ޕޮލިހުން ކުރި ހޯދި އެވެ. އެކަމަކު ފައިނަލުގައި ތަފާތު ދެއްކީ ސިފައިންނެވެ.

"އަޅުގަނޑުމެންގެ ޓީމަކީ އެންމެން ގޮވައިގެން މަސައްކަތްކުރާ ޓީމެއް. ދެން ޕޮލިސް ޓީމޭ ބުންޏަސް މި އޮތީ ޕޮލިސް ޓީމެއް ނޫން. އަސްލު ހުސް ސިވިލް މީހުން ކަންނޭނގެ ކުޅެން މި ތިބީ. އަނެއްހެން ބަލަންޏާ މިދިޔަ އަހަރުގެ ސީލައިފް ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ޓީމުގައި އެ ތިބީ. އެހެންވީމަ ނީންނާނެ ޕޮލިސްވަންތަ ރޫހެއް،" ސިފައިންގެ ޓީމަށް ރޭގެ މެޗުގައި އޮތް އެއް އެޑްވާންޓޭޖެއް ލޯންގޭ ފާހަގަކުރި އެވެ.

ލޯންގޭއާ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ ޓްރޮފީ ހަވާލުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ލޯންގޭއާ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ ޓްރޮފީ ހަވާލުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރޭގެ މެޗުގެ ތިން ވަނަ ސެޓުން ފެށިގެން ލޯންގޭ އަކުނިވަޔަށް ދަމަން ފެށުމުން އޭނާގެ އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި އެވެ. އެކަމަކު އޭނާ ވަނީ އިތުރު ހިތްވަރުކޮށް އިތުރު ދެ ސެޓު ވެސް ފުރިހަމަކޮށްފަ އެވެ. މެޗުގެ ހަތަރު ވަނަ ސެޓުގައި ސިފައިންގެ ސަޕޯޓަރުން ދިޔައީ އަނިޔާގައި ހުރެ ކުޅެމުންދިޔަ ލޯންގޭ އަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ ނަން ގޮވަމުންނެވެ.

ލޯންގޭ ބުނީ ކޮންމެ ހާލަތެއްގައި ސިފައިން މޮޅުކޮށްދޭން ބޭނުންވި ކަމަށާއި ތަފާތަކީ ޓީމުގައި ތިބީ ގިނައިން ސިފައިން ކަމަށް ވުން ކަމަށެވެ.

"އަޅުގަނޑުމެންގެ އޮންނާނެ ސިފައިން ވަންތަ ރޫހު. ކުޅުންތެރިންނަކީ ވެސް ސިފައިންވީމަ އެތެރެހަށިން ވެސް އެ ހިތްވަރު ނެރެގެން ކުޅުނީމަ މި މޮޅުވީ،" ލޯންގޭ ބުންޏެވެ.

ލޯންގޭ އަށް މިއީ ކާމިޔާބު އަހަރެކެވެ. އޭނާ ވަނީ ބަނޑޮހާ އެކު މި ފަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ކާމިޔާބީއާ އެކު ލޯންގޭ އަށް މި ފޯމުގައި ކުރިއަށްދާން ފުރުސަތު ލިބިގެންގޮސްފި އެވެ.

އުމުރުން 32 އަހަރުގެ ލޯންގޭ ބުނީ އޭނާ ފޯމު ދެމެހެއްޓުމުގެ ސިއްރަކީ އަމިއްލަ އަށް އިސްނަގައިގެން ކުރާ މަސައްކަތެވެ.

"ކޮންމެ މީހަކު ވެސް އަމިއްލަ އަށް މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެ. އަޅުގަނޑަކީ މީހަކު ބުނީމަ މަސައްކަތްކުރާ މީހެއް ނޫން، އަބަދުވެސް އަޅުގަނޑު އެއް މުބާރާތް ނިމުނީމަ އަނެއް މުބާރާތަށް ތައްޔާރުވުމަށް. ޖިމްހެދުމާއި ފިޒިކަލް ހެދުމާ ކަންތައްތައް ކުރިއަށްގެންދަން. މިހާރު މީހެއްގެ ފަހަތުން ނުނިކުމެ އަމިއްލަ އަށް މަސައްކަތްކުރީމަ މިތަން މި ފެންނަނީ. އެ ގޮތަށް އަޅުގަނޑު މަސައްކަތްކުރަނީ،" އޭނާ ބުންޏެވެ.

މި ފަހަރުގެ މުބާރާތައް ތައްޔާރުވާން އެއްވެސް ޓީމަކަށް އެކަށީގެންވާ ވަގުތެއް ނުލިބެ އެވެ. ވީއޭއެމުން މުބާރާތް ރޭވި ގޮތުން ގިނަ ޓީމުތަަކަށް ކުރެވުނީ މަދު ޕްރެކްޓިހެކެވެ. އޭގެ ސަބަބުން ޓީމުތަކުގެ އަސްލު ކުޅުން ދައްކަން އުނދަގޫވި އެވެ.

"އަޅުގަނޑުމެންނަށް ޕްރެކްޓިސް ކޮށްލާނެ ތަނެއް ނުލިބުނު މި ފަހަރު މި މުބާރާތް އިއުލާންކުރި ގޮތުން. އެއީ ހަގީގަތުގައި ފުރަތަމަ ކޮޅުގައި ދަށްވި ސަބަބަކީ. ދެން އެކަމަކު ދުވަހެއް ދުވަހަކަށް ރަނގަޅުކުރަމުން އައިސް ފައިނަލް މެޗުގައި މި އޮތީ މޮޅުވެފައި،" ލޯންގޭ ބުންޏެވެ.

ރޭގެ މެޗަށް ފަހު ލޯންގޭގެ ފަޔަށް ކޯޓުމަތީގައި ފަރުވާދެނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރޭގެ މެޗަށް ފަހު ލޯންގޭގެ ފަޔަށް ކޯޓުމަތީގައި ފަރުވާދެނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިފައިންގެ ކޯޗު މުމްތާޒް އަލީ ވެސް ވަނީ މި ފަހަރު މުބާރާތް ދިޔަ ގޮތުން ވަރަށް ދަތި އުނދަގޫ ކަންތައްތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެފަ އެވެ. އޭނާ ބުނީ މި މުބާރާތް މި އަށް ވުރެ ރަނގަޅަށް ދުރާލާ ޓީމުތަކަށް ތައްޔާރުވެގެން ވާދަކުރެވޭ ގޮތަށް ކުރިއަށް ގޮސްފިނަމަ މާ ފޯރީގައި މުބާރާތް ކުރިއަށްގެންދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މުބާރާތަށް މި ނުކުތީ ހަތަރު ޕްރެކްޓިސް ކޮށްފައި. އެ އަށް ވުރެން ތަންކޮޅެއް ދުރާލައި މި މުބާރާތް ރާވަން ޖެހޭ. ސިފައިންގެ ޓީމަކީ ވަރަށް ކުރިން ތައްޔާރުވާ ޓީމެއް މުބާރާތްތަކަށް. މި ފަހަރު ވަރަށް ކުރު މުއްދަތަކަށް އޮތީ. ފައިނަލުގައި ވެސް ފިޓްނަސް މައްސަލަ ފެނުނު ވަރަށް ބޮޑަށް. ގިނަ ޓީމުތައް ބައިވެރިކޮށްގެން މި ފަދަ މުބާރާތްތައް ރަނގަޅުކޮށްގެން އެހެން ހިސާބަކަށް ވޮލީ ގެންދެވޭނީ،" މުމްތާޒް ބުންޏެވެ.

އެސޯސިއޭޝަން ކަޕަށް ފަހު މާދަމާ ގައުމީ މުބާރާތް ފަށާނެ އެވެ. ގައުމީ މުބާރާތް ކުރިއަށްދަނީ އެސޯސިއޭޝަން ކަޕްގެ ގަދަ ހަ ޓީމުގެ ދެމެދުގަ އެވެ.