ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހި ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާތީ، އޭއެފްސީ ކަޕުގައި ވާދަކުރާ ބެންގަލޫރު އެފްސީން އިންޑިއާގެ ފުޓްބޯޅަ އިދާރާ އަށް ފާޑުކިޔައިފި އެވެ.

އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް މޮޅުވުން މަޖުބޫރު މެޗަކަށް މާދަމާ ބެންގަލޫރުން ނުކުންނާނީ އަމިއްލަ ދަނޑުގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށެވެ. މި މެޗަށް ނުކުންނައިރު ބެންގަލޫރުގެ ކުރިއަށް ކުޅޭ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ކެޕްޓަން ސުނިލް ޗެތުރީ އާއި އުދަންތާ ސިންގު އަދި ސާބިއާގެ ފޯވާޑް މަރްޔާން ޖުގޮވިޗް ހުރީ އަނިޔާގަ އެވެ.

ޗެތުރީގެ ފަލަ މަސްގަނޑަށް އަނިޔާވީ ދާދި ފަހުން ނިމުނު އިންޑިއާގެ ފެޑެރޭޝަން ކަޕްގެ ގްރޫޕް ސްޓޭޖް ފަހު މެޗުގަ އެވެ. އަދި އުދަންތާ އަށް އަނިޔާވީ ފެޑެރޭޝަން ކަޕް ފައިނަލުގަ އެވެ.

މޯހަން ބަގާން ބަލިކޮށް ފެޑެރޭޝަން ކަޕް ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ބެންގަލޫރު އެފްސީގެ ޗެއާމަން ޕާތު ޖިންދަލް ވިދާޅުވީ އިންޑިއާ ފުޓްބޯޅައިގެ މުހިއްމު މެޗަކަށް ނުކުންނަން ޖެހޭއިރު އެ ޓީމު އޮތީ 13 ދުވަހުން ހަ މެޗު ކުޅެން ޖެހުމުން އެންމެ ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ.

"ފެޑެރޭޝަން ކަޕް ރާވާފައި އޮތްގޮތުން ބެންގަލޫރަށް މައްސަލަތަކެއް ދިމާވާނެކަން ކުރިން ވެސް އަހަރެމެންނަށް އެނގޭ. ގާތްގާތުގައި މެޗުތައް ކުޅުމުގެ ގެއްލުން މިހާރު އަހަރެމެންނަށް ލިބިއްޖެ. މިހާރު މިއޮތީ އޭއެފްސީ ކަޕްގެ މުހިއްމު މެޗެއް ބޯމަތީގައި. މިއީ އިންޑިއާ ފުޓްބޯޅަ އަށް ވެސް މުހިއްމު މެޗެއް. އެކަމަކު އަހަރެމެންގެ އޮތީ ރަނގަޅު ހާލަތެއް ނޫން،" ޖިންދަލް ވިދާޅުވި އެވެ.

މާޒިޔާ މެޗަށް ތައްޔާރީތަށް ބެންގަލޫރުން ފަށާފައިވާއިރު ޗެތުރީ ވަނީ ލުއި ފަރިތަކުރުންތަކެއް އިއްޔެ ފުރިހަމަ ކޮށްފަ އެވެ. މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ޗެތުރީ ބޭނުންކުރާނީ އޭނާ އެއްކޮށް ފިޓްވެއްޖެނަމަ ކަމަށް ބެންގަލޫރު އެފްސީގެ ކޯޗު އަދި ކުރިން ބާސެލޯނާގެ އެސިސްޓެންޓަކަށް މަސައްކަތްކުރި އަލްބާޓް ރޮކާ ވަނީ ބުނެފަ އެވެ.

މާޒިޔާ މި ވަގުތު ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބެންގަލޫރަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ބަގާން ތިން ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އަބަހާނީ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އޭއެފްސީ ކަޕް ފޯމެޓަށް މި ފަހަރު ގެނައި ބަދަލާ އެކު މި ޒޯނުގެ ގްރޫޕްތަކުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނީ ގްރޫޕްގެ އެއް ވަނަދާ ޓީމަށް އެކަންޏެވެ. ބެންގަލޫރު ދެ ވަނަ ބުރަށްދާން އެ ޓީމަށް އޮތް ހަމައެކަނި ފުރުސަތަކީ ބުދަ ދުވަހު ކުޅޭ މެޗުން އަމިއްލަ ދަނޑުގައި މާޒިޔާ ބަލިކުރުމެވެ.

މާލޭ ލީގުގެ މެޗުތައް ގާތްގާތުގައި ކުޅެން ޖެހުމުން މާޒިޔާ އަށް ވެސް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ. ލީގުގައި އެންމެ ފަހުން ވިކްޓަރީ އަތުން މާޒިޔާ ބަލިވި މެޗުގައި ޓީމުގެ އިތުބާރު ފޯވާޑް އަސަދުﷲ އަބްދުﷲ ނުކުޅެ އެވެ. އެހެން ނަމަވެސް ބެންގަލޫރާ ދެކޮޅަށް ކުޅޭ މުހިއްމު މެޗަށް އަސަދުﷲ ވަނީ ފިޓްވެފަ އެވެ.

މާޒިޔާ އަތުން ބެންގަލޫރު މާލޭގައި ކުޅުނު މެޗުން މޮޅުވީ ފަހު ސިކުންތުގައި ވައްދާލި ލަނޑާ އެކު 1-0 އިންނެވެ. މިއީ މާޒިޔާ މި ފަހަރު އޭއެފްސީ ކަޕްގައި ބަލިވި ހަމައެކަނި މެޗެވެ. ބެންގަލޫރުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މާދަމާ ރާއްޖެ ގަޑިން 18:45 ގަ އެވެ.