އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގެ ވަރުގަދަ މެޗަށް ފަހު، މާޒިޔާގެ ކުރިމަތީގައި އަނެއްކާވެސް ވަރުގަދަ ދެ މެޗު އޮތުމުން، ނޭވާލާނެ ވަގުތެއް ނެތް ކަމަށް ކޯޗު ޓޯމާޝް ޓްރޫހާ ބުނެފި އެވެ. 

މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ، ތަޖިކިސްތާނުގެ ރެގާ ޓަޑާޒާ ދެކޮޅަށް ޗެލެންޖް ލީގުގެ ކޮލިފައިން މެޗުގައި ކުޅޭ، މާޒިޔާ ބަލިވީ 3-0 ންނެވެ. އެ ޓީމަށް މިފަހަރު ވެސް ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖަށް ނުވަދެވުނެވެ. 

މި މަހު ތިންވަނަ ދުވަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި ޗެކިއާ (ޗެކް ރިޕަބްލިކް) ގެ ތަޖުރިބާކާރު ބުނިގޮތުގައި މާޒިޔާގެ ކުޅުންތެރިން އިއްޔެގެ މެޗުގައި ކުރި މަސައްކަތް އަޅާކިޔާއިރު ބަލިވުމަކީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. 

އެކަމަކު އެ މާޔޫސްކަމުގައި ދެމިތިބެވެން ނޯންނާނެ ކަމަށާއި އަލުން ޓީމު އެކުވެ ކުރިއަށް އޮތް ވަރުގަދަ ދެ މެޗަށް ތައްޔާރުވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ފުޓްބޯޅައިގައި އެއް ރެއަކުން އެއްވެސް ކަމެއް ބަދަލެއް ނުވާނެ. މިއީ މަރުހަލާތަކެއް. އަދިވެސް ގިނަ މެޗުތަކެއް ކުޅެންޖެހޭ. 15 ވަނަ ދުވަހު ދެން މެޗެއް އެބައޮތް. ދެން 18  ވަނަ ދުވަހު ފައިނަލް،" ކަޕް ވިނާސް ކަޕްގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް ދެ މެޗަށް އިޝާރާތްކޮށް ޓްރޫހާ ބުންޏެވެ.

ރެގާގެ މެޗުގައި، މާޒިޔާގެ ކޯޗު ޓްރުހާ ޓީމަށް އިރުޝާދު ދެނީ؛ އޭނާ ބުނީ އެ މެޗުން ބަލިވުމުން ކުޅުންތެރިން ތިބީ މާޔޫސްވެފައި ކަމަށް --- ފޮޓޯ: މާޒިޔާ
ރެގާގެ މެޗުގައި، މާޒިޔާގެ ކޯޗު ޓްރުހާ ޓީމަށް އިރުޝާދު ދެނީ؛ އޭނާ ބުނީ އެ މެޗުން ބަލިވުމުން ކުޅުންތެރިން ތިބީ މާޔޫސްވެފައި ކަމަށް --- ފޮޓޯ: މާޒިޔާ

ޖުމުލަ ހަތަރު ޓީމު ވާދަކުރި މުބާރާތުގައި، ފައިނަލުގެ ޖާގަ ވެސް ނިއު އާއި މާޒިޔާއިން ވަނީ ކަށަވަރުކޮށްފަ އެވެ. އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް ކުޅޭގޮތަށް ފޯމެޓް އެކުލަވާލާފައިވާ މުބާރާތުގެ ފައިނަލަށް އެ ދެ ޓީމު ދަތުރު ކުރީ، ދެން އޮތް ދެ ޓީމު، އޮޑި ސްޕޯޓްސް އާއި ބުރު ސްޕޯޓްސް އަށް، މާޒިޔާ އާއި ނިއު ފަހަތަށް ވައްޓާ ލެވެން ނެތުމުންނެވެ.

ހޮނިހިރު ދުވަހު ހަވީރު އޮޑި އާއި ބުރުގެ މެޗު ކުޅޭނެ އެވެ. ހަމަ އެ ރޭ މާޒިޔާ އާއި ނިއު ބައްދަލުކުރާ މެޗު އޮންނާނެ އެވެ. ފައިނަލު މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭގަ އެވެ.

"އަހަރެމެން އަލުން ރީގްރޫޕްކޮށް، ކުޅުންތެރިން އަލުން ކުރިއަށް ދާން ޖެހޭ، ސަބަބަކީ މިހާރު އެ ކުޅުންތެރިން (މެޗަކުން) ބަލިވެފައި ތިބުމުން،" އިއްޔެ ރެގާއާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތްކޮށް ޓްރޫހާ ބުންޏެވެ. 
"(އެ މެޗުން ބަލިވުމުން) އެ ކުޅުންތެރިން ހިތްހަމައެއް ނުޖެހޭ. އަހަރެން ހެން (އެ ކުޅުންތެރިން ތިބީ މާޔޫސްވެފައި. އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން އަހަރެން ލީޑަރަކަށްވާން ޖެހޭ. އަލުން ކުރިއަށްދާނެ ގޮތް ކުޅުންތެރިންނަށް ދައްކައި ދޭން ޖެހޭ."

މާޒިޔާގެ ޒުވާން ފޯވާޑް އިލާން ބޯޅަ ހިފައިގެންދާއިރު، އޭނާ އަތުން ބޯޅަ ހޯދަން ރެގާގެ ކުޅުންތެރިން މަސައްކަތް ކުރަނީ: މެޗުގައި އޭނާ އަށް ރަނގަޅު ފުރުސަތެއް ލިބުނު --- ފޮޓޯ: މާޒިޔާ
މާޒިޔާގެ ޒުވާން ފޯވާޑް އިލާން ބޯޅަ ހިފައިގެންދާއިރު، އޭނާ އަތުން ބޯޅަ ހޯދަން ރެގާގެ ކުޅުންތެރިން މަސައްކަތް ކުރަނީ: މެޗުގައި އޭނާ އަށް ރަނގަޅު ފުރުސަތެއް ލިބުނު --- ފޮޓޯ: މާޒިޔާ

ރެގާގެ މެޗުގެ ކުރިން ޓްރޫހާ ބުނެފައި ވަނީ އޭނާ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީމާ އެކު ހޭދަކުރަން ލިބުނު ވަގުތު ކުޑަވުން ކަމަށެވެ. އިއްޔެގެ މެޗަށް ފަހު އޭނާ ބުނީ، އޭނާ އަށް މަޑުމަޑުން ކުޅުންތެރިން ދަސްވަމުންދާ ކަމަށާއި އަދި ކުޅުންތެރިން ބޭނުންކުރާނެ ގޮތް ވެސް އޭނާ އަށް ދަސްވަމުންދާ ކަމަށެވެ. 

"އަހަރެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތު. އަދިވެސް ކުޅުންތެރިންނާ ބެހޭގޮތުން ދަސްކުރަމުން މިދަނީ. އެ ކުޅުންތެރިން ބޭނުންކުރާނެ ގޮތްވެސް ދަސްވަމުން މިދަނީ،" އޭނާ ބުންޏެވެ. 

އޭނާ ބުނީ ކުރިއަށް އޮތް ދެ މަޗަށް ސަމާލުކަން ދިނުމުގެ ގޮތުން ނިއުއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ކުޅުންެތެރިން ރޮޓޭޓްކޮށް ފައިނަލް މެޗަށް ތައްޔާރުވާނެ ކަމަށެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި، މާޒިޔާއިން ވަނީ ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށް ރެކޯޑް ހަތްވަނަ ފަހަރަށް އެ އައްޑަނަ އުފުލާޅަފަ އެވެ. އެ މެޗުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒައިރެވެ. 

އެ މެޗުގެ ކުރިން ރާއްޖެ އައި ނަމަވެސް، އޭރު މާޒިޔާގެ ކޯޗުކަމާ އޭނާ ހަވާލެއް ނުވެ އެވެ. އޭނާ އިނީ މެޗު ބަލަން ދަނޑުގެ ރޮސްޓޮރަމްގަ އެވެ.