މީގެ 48 އަހަރު ކުރިން އިންޑިއާގެ ހޮސްޕިޓަލެއްގައި ވިހާފައި އެއްލައިލި ކުއްޖަކު މިހާރު ހުރި ސްވިޓްޒަލެންޑްގެ ޕާލަމެންޓް މެންބަރެއްގެ ގޮތުގަ އެވެ. ނިކަލޮސް-ސެމުއަލް ގުގާ އަކީ ސްވިޓްޒަލެންޑްގެ ޕާލަމެންޓަށް އިންތިޚާބުވި ފުރަތަމަ އިންޑިއާ މީހާ އެވެ.

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ އުޅުޕީ އަވަށުގެ ހޮސްޕިޓަލެއްގައި މޭ 1، 1970 ގައި އުފަންވި ނިކަލޮސް ވިހާފައި ހޮސްޕިޓަލަށް އޭނާ ދޫކޮށްލާފައި އޭނާގެ މަންމަ އަނަސޫޔާ ދިޔައީ އެވެ. ސްވިސް ދެމަފިރިއަކު އޭނާ އެޑޮޕްޓްކުރީ ހޮސްޕިޓަލުގައި އޮންނަތާ ހަފުތާއެއް ފަހުންނެވެ.

ނިކަލޮސްގެ އާ "މައިންބަފައިން" ކަމަށްވާ ފްރިޒް އާއި އެލިޒަބަތު އޭނާ ގޮވައިގެން ދިޔައީ ކެރެލާ އަށެވެ. އޭރު އޭނާގެ އުމުރުން އެންމެ 15 ދުވަހެވެ. ކެރަލާގައި އެމީހުން ހަތަރު އަހަރު ހޭދަކުރި އެވެ. އެއަށްފަހު އަމިއްލަ ގައުމު ކަމަށްވާ ސްވިޓްޒަލެންޑަށް އެނބުރި ދިޔައީ އެވެ.

ނިކަލޮސް އެޑޮޕްޓްކުރި ދެމަފިރިންނަކީ އެހާ މުއްސަނދި ބައެއް ނޫނެވެ. ނަމަވެސް އެމީހުން އޭނާ ގެންގުޅުނީ ލޯތްބާއި އޯގާތެރިކަމާ އެކުގަ އެވެ. މައިންބަފައިންގެ ފަގީރުކަމުން ނިކޮލަސް އަށް މަތީ ތައުލީމަށް ކިޔަވަން ޖެހުނީ ބަގީޗާ ބަލަހައްޓާ މީހެއްގެ ގޮތުގަޔާއި ޓްރަކް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން ފައިސާ ހޯދައިގެންނެވެ.

އިންޑިއާގެ ނޫސް އެޖެންސީއަކާ ވާހަކަ ދައްކަމުން ނިކަލޮސް ބުނީ އޭނާގެ މަންމަ އަނަސޫޔާ އޭނާ ހަވާލުކުރީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރި ޑޮކްޓަރަކާ އެވެ. އޭނާއަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދެވޭ ކަހަލަ ބަޔަކާ އޭނާ ހަވާލުކޮށްދިނުމަށް ނިކަލޮސްގެ މަންމަ ޑޮކްޓަރުންގެ ކިބައިން އެދުނު ކަމަށްވެ އެވެ. ނިކަލޮސް އެޑޮޕްޓްކުރި މީހުންނަކީ އެ ޑޮކްޓަރު ހޯދި ބައެކެވެ.

ނިކަލޮސް މިހާރު މަޝްހޫރުވެފައި ވަނީ ނިކްގެ ނަމުންނެވެ. އިންޑިއާގައި އޮތް ކޮންފަރެންސަކަށް އޭނާ ވަނީ އިންޑިއާ އަށް ޒިޔާރަތް ކޮށްފަ އެވެ.

ކަރްނާޓަކާ ހޮސްޕިޓަލަކުން ސްވިޓްޒަލެންޑްގެ ޕާލަމެންޓަށް ނިކަލޮސް ކުރި ދަތުރު ކިޔައިދެމުން ބުނީ އޭނާ އެޑޮޕްޓްކުރި މީހުން އޭނާ ގޮވައިގެން ކެރެލާގައި ހަތަރު އަހަރު ދުވަހު އުޅުނު ކަމަށެވެ. އެ ތަނުގައި އޭނާގެ މަންމަ މަސައްކަތް ކުރީ އިނގިރޭސި އާއި ޖަރުމަނު ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގަ އެވެ. ބައްޕަ ވެސް ޓޫލް މޭކާއެއްގެ ވަޒީފާ އަދާކުރި އެވެ.

އޭނާ ބުނި ގޮތުގައި އޭނާ ގެންގުޅެ ބޮޑުކުރި މީހުން އޭނާއަށް ކާނާ އާއި އަންނައުނު ދިން ނަމަވެސް މަތީ ތައުލީމު ދޭވަރަށް އެމީހުންނަކަށް ފައިސާއެއް ނުލިބެ އެވެ. އެހެންވެ އޭނާ ކިޔެވީ ވަރަށް ބުރަ މަސައްކަތުންނެވެ. ކިޔެވުން ނިންމުމަށްފަހު އޭނާ ނުކުތީ ސޯޝަލް ވޯކަރެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.

އޭނާގެ އަވަށް، ވިންޓަތާ ސިޓީގެ ކައުންސިލަރަކަށް އޭނާ ހޮވުނީ 2002 ގަ އެވެ. އެއީ އޭނާގެ ސިޔާސީ ހަޔާތުގެ ފެށުމެވެ. ސްވިޓްޒަލެންޑްގެ ޕާލަމެންޓަށް ނިކަލޮސް ހޮވިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ އެވަންޖެލިކަލް ޕީޕަލްސް ޕާޓީ ކިޔާ މައިނޯރިޓީ ޕާޓީއެއްގެ ޓިކެޓެއްގައި ވާދަ ކޮށްގެންނެވެ.

ވަރަށް ފަޚުރުވެރިކަމާއެކު އޭނާ ބުނީ އޭނާއަކީ ސްވިޓްޒަލެންޑްގެ ޕާލަމެންޓަށް ހޮވުނު ފުރަތަމަ އިންޑިއާ މީހާ ކަމަށެވެ. އަދި ކުރިޔަށް އޮތް 10 އަހަރު ތެރޭގައި ވެސް އިތުރު އިންޑިއާ މީހަކު ޕާލަމެންޓަށް ހޮވުނު ފުރުސަތު ނެތް ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ އިންޑިއާ އަށް ނިސްބަތްވާ އިތުރު މީހަކު ސިޔާސީ މައިދާނަށް ނުކުމެފައި ނުވާތީ އެވެ.

ނިކަލޮސް ވެފައިވަނީ ސްވިސް ޕާލަމެންޓްގެ އެންމެ ޒުވާން މެމްބަރުންގެ ތެރޭގަ އެވެ. އޭނާ ބުނީ 1992 އިން ފެށިގެން 1993 އަށް އެމެރިކާގެ ސިޓީއެއް ކަމަށްވާ ކޮލަމްބިއާގެ ޔަތީމުޚާނާއެއްގައި ވެސް އޭނާ މަސައްކަތް ކުރި ކަމަށެވެ.

ނިކަލޮސް އަށް ލިބިފައިވާ ކާމިޔާބުގެ ޝުކުރު އޭނާ އަދާކުރަނީ އުފަންކުރި މަންމަ އަށެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ލިބުނު އަންހެންދަރިފުޅަށް ވެސް އޭނާ ކީ އަނަސޫޔާ އެެވެ. އޭނާ އުފަންކުރި މަންމަގެ ހަނދާން ދިރުވުމުގެ ގޮތުންނެވެ. ސަބަބަކީ މަންމަ ހޯދަން އޭނާ މިހާތަނަށް ކުރި މަސައްކަތުން މަންމަގެ އެއްވެސް ޚަބަރެއް ލިބިފައި ނުވާތީ އެވެ.