އައްޑޫ ފޭދު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހިންގި ބިން ހިއްކުމުގެ މަޝްރޫއު އިއްޔެ ނިންމާލައިފި އެވެ.

މި މަހުގެ ކުރީކޮޅު ފެށި މި މަސައްކަތުގެ ދަށުން ވަނީ ރަށް ވަށައިގެން ފޭދޫން ވަނީ ޖުމްލަ 64 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.

މި މަސައްކަތްކޮށްފައި ވަނީ ނެދަލެންޑްގެ ވައްނޫރު ޕްރައިވެޓް ލިމިޓެޑުންނެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލީ އިއްޔެ ކަމަށެވެ.

ބިން ހިއްކައި ނިމުނު އިރު، ފޭދޫ ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ "ދިގިހެރަ" ވެސް މިހާރު އޮތީ ފޭދޫ ބައެއްގެ ގޮތުގަ އެވެ.

"އަންނަ އަހަރުގެ ތެރޭގައި ބިން ބޭނުންވާ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނެ،" ފައިސަލް

ފައިސަލް ވިދާޅުވީ ބިން ހިއްކައި ނިމުމާ އެކު، އެތަން ހިމާޔަތް ކުރަން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަަމަށެވެ.

"އެކަމަށް ބޭނުންވާ ސާމާނާ އެކު މި މަސް ނިމުމުގެ ކުރިން ބޯޓު އައްޑު އަށް ވަންނާނެ. އެ ހިސާބުން ޕްރޮޓެކްޝަން މަސައްކަތް ފެށިގެން ދާނެ،" އޭނާ ވިދާޅުވި އެވެ. "ލަފާ ކުރެވެނީ ނޮވެމްބަރާ ހަމައަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް."

ހިލަ ޖެހުމުގެ މަސައްކަތް ވެސް ކުރަން ހަމަޖެހިފައި ވަނީ ވައްނޫރުގެ ފަރާތުންނެވެ.

ފޭދޫ ހިއްކި ބިމުން ދިރިއުޅުމަށް ގޯތި ދިނުމުގެ އިތުރަށް ތަފާތު އެކި ކަންކަމަށް ބިން ހާއްސަ ކުރާނެ އެވެ.

އޭގެ ތެރޭގައި ފްލެޓާއި ސްކޫލާއި މިސްކިތާއި ޕާކާއި ސްޕޯޓްސް އެރީނާ ފަދަ ތަންތަން ގާއިމު ކުރަން ބިން ހަމަޖެއްސުން ހިމެނެ އެވެ.

ފޭދޫ ބިން ހިއްކައި ނިންމާލި އިރު، އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށް ދިގިހެރަ ވެސް ވަނީ ފޭދޫގެ ބައެއްގެ ގޮތުގައި ހަދާފައި.
ފޭދޫ ބިން ހިއްކައި ނިންމާލި އިރު، އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށް ދިގިހެރަ ވެސް ވަނީ ފޭދޫގެ ބައެއްގެ ގޮތުގައި ހަދާފައި.

އަދި ގެސްޓް ހައުސް އާއި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި އެހެނިހެން ވިޔަފާރިތަކަށް ވެސް ބިން ދޫކުރަން ވަނީ ޕްލޭންކޮށްފަ އެވެ.

"އަންނަ އަހަރުގެ ތެރޭގައި ބިން ބޭނުންވާ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނެ،" ފައިސަލް ވިދާޅުވި އެވެ.