ތިމާވެށި ހިމާޔަތްކުރަން އިސްކަންދޭނެ ކަމުގެ ޔަގީންކަމާ އެކު އައްޑޫން 194 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ފަށަން ނެދަލެންޑްސްގެ "ވެން އޫޑް" ކުންފުނިން ތައްޔާރުވެއްޖެ އެވެ.

އެކި ގައުމުތަކުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏާ އެކު ޕްލޭނިން މިނިސްޓްރީން ސޮއިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ތަރައްގީކުރުމުގެ މަޝްރޫއުގައި ގުޅިފައިވާ އެކި އަވަށްތަކުގެ ސަރަހައްދުތައް ހިއްކަން ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށް އެބަދާ ކަމަށެވެ. މަސައްކަތް ފަށާނެ ސީދާ ތާރީހެއް ނުބުނެ އެވެ. އެކަމަކު އެއްބަސްވެފައިވާ ގޮތަށް 18 މަސް ތެރޭގައި މަޝްރޫއު ނިންމަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އެ މަޝްރޫއުގައި ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދޫން ބިން ހިއްކާނެ އެވެ.

ބިން ހިއްކުމުގައި ބޭނުންކުރާނީ އެ ކުންފުނީގެ ޑްރެޖާ އެޗްއޭއެމް 318 އެވެ. އެ މަޝްރޫއަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ އިރު، ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ. އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓެވެ. މީގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށް އީޕީއޭގެ ރިޕޯޓުން ދައްކަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއާ އެކު ކޯސްޓަލް ޕްރޮޓެކްޝަންގެ މަސައްކަތް ވެސް ކުރާނެ އެވެ. ގަލާއި ޖިއޯޓެކްޓައިލް ޓިއުބް ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރާނެ ކަމަށް ވެސް ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކެއް: ބިން ހިއްކުމުގެ މަޝްރޫއުގައި ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދޫން ބިން ހިއްކާނެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކެއް: ބިން ހިއްކުމުގެ މަޝްރޫއުގައި ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދޫން ބިން ހިއްކާނެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެތީ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެ މަޝްރޫއު ހުއްޓާލަން ޓްރާންސްޕޭރެންސީ ހިމެނޭ ގޮތަށް ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ވަރަށް ގިނަ ޖަމިއްޔާތަކުން ގޮވާލައިފައިވެ އެވެ. ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް އަމިއްލަ ފަރާތަކުން އެ މައްސަލަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ.

އެ ކުންފުނީގެ ބަޔާނުގައި ބުނީ މަޝްރޫއުތައް ހިންގާއިރު ތިމާވެށި ރައްކާތެރިކުރުމަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތައް ކަމަށެވެ. އައްޑޫގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ވެސް އެންމެ ގެއްލުން ކުޑަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ގޮތްތަކެއް ބަލާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ މަޝްރޫއުގައި ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގައި ހުންނަ މުރަކަތައް އެހެން ތަނެއްގައި އިންދުމުގެ މަސައްކަތް ވެސް ކަމާގުޅުން ހުރި ފަރާތްތަކާ އެކު ކުރާނެ ކަަމަށް ބަޔާނުގައިވެ އެވެ. ސްޕެޝަލިސްޓުންގެ އެހީއާ އެކު ރާއްޖޭގައި މުރަކަ އެހެން ތަންތަނަށް ބަދަލުކުރުމަކީ މީގެ ކުރިން ހިންގި މަޝްރޫއުތަކުގައި ވެސް ކޮށްފައިވާ ކަމެއް ކަން ވެސް ނެދަލެންޑްސްގެ ކުންފުނިން ފާހަގަކުރެ އެވެ.

ދިވެހި ސަރުކާރުން ޕްލޭންކޮށްފައި ވަނީ ބިން ހިއްކައި އައްޑޫގެ އިގްތިސޯދީ މަސައްކަތްތައް ފުޅާކޮށް، ވަޒީފާގެ ފުރުސަތުތައް އެތަނުގައި ހުޅުވާލަން ކަމަށް ބަޔާނުގައިވެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމުގެ މި މަޝްރޫއުގައި އަމާޒުހިފާފައި ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި ލާމަރުކަޒީ ނިޒާމަކުން ހިންގުމާއެކު ތޮއްޖެހުން ކުޑަކޮށްދީ ދަތުރުފަތުރުގެ ވަގުތު ކުޑަކުރުމަށެވެ.

އިންޓަނޭޝަނަލް މެރިން ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާތާ 150 އަހަރުގެ ތަޖުރިބާ ލިބިފައިވާ އެ ކުންފުނީގެ މަސައްކަތްތަކުގައި ގާތްގަނޑަކަށް 70 އުޅަނދު ބޭނުންކުރެ އެވެ. އެ ކުންފުނިން 2020 ވަނަ އަހަރު 36 ގައުމެއްގައި 186 ޕްރޮޖެކްޓް ހިންގި އެވެ.