މިދިޔަ ދެ އަހަރު ޓީސީ ސްޕޯޓްސް ކްލަބްގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި އަބްދުﷲ ހަނީފް (ބެންޖޯ) ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.
ބެންޖޯ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން ގެންދިޔަ ފަސް ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މާޒިޔާ އިން ވަނީ ޓީސީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ވިކްޓަރީ އަށް ކުޅުނު ހުސެއިން ނިހާޓް (ނިހާން)ގެ ސޮއި ހޯދައިފަ އެވެ.
ބެންޖޯ ވަނީ އައިއެފްސީ އާއި ވީބީ އައްޑޫ އެފްސީ އާއި ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސް އަށް ވެސް ކުޅެފަ އެވެ. ވީބީ އައްޑޫ އެފްސީގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ އެ ޓީމާ އެކު ބެންޖޯ ވަނީ ކާމިޔާބު ހޯދައިފަ އެވެ.
ޓީސީ އަށް ބެންޖޯ ބަދަލުވީ 2017 ވަނަ އަހަރު އެވެ. ޓީސީން އެ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރި ޓީމުގައި ބެންޖޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ބެންޖޯ ވަނީ ލީގުގެ ކުރީކޮޅުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ޖުލައި މަހު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ބެންޖޯ ފަހުން ހުރީ ކުޅުމާ ދުރުގަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 2009 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުޅުނު ބެންޖޯ އަށް އޭގެ ފަހުން ފުރުސަތު ލިބުނީ 2011 ވަނަ އަހަރު އެވެ. އެ އަށް ފަހު މިދިޔަ ހަ އަހަރެއްހާ ދުވަހު އުމުރުން 33 އަހަރުގެ ބެންޖޯ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބެ އެވެ.
މާޒިޔާ އިން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އޭގެ ތެރޭގައި މުހައްމަދު އިރުފާން (އިރޭ) އާއި ހަަސަން ޝިފާޒް (ޑުންގާ)ގެ އިތުރުން މޫސާ ޔާމީން (ޔާމްބެ) ހިމެނެ އެވެ. މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އަދި ދާދި ފަހުން ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ގާސިމް ސައްމާމު (ސައްމެ) އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ދަ ގްރާންޑޭއާ ހަވާލުވެފައިވާއިރު، މާޒިޔާ އިން އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.