ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގާ ނަަމަ، ކައުންސިލާއި ރައްޔިތުންނާ ވެސް މަޝްވަރާކުރަން ޖެހޭ ގޮތަށް ހަަދަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ހުށަހަޅުއްވައިފި އެވެ. 

ސަރުކާރުން ބޭނުންވެއްޖެ ނަމަ މަޝްރޫއުތައް ހިންގަން، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް އެ ކައުންސިލްތަކުން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ވަނީ ބިލެއް ހުށަހަޅުއްވައިފަ އެވެ. 

އެ ބިލަށް ކުޑޫ ހުށަހެޅުއްވި އިސްލާހުގައި އޮތީ ރަށު ކައުންސިލެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ބިމެއް، ފަޅުރަށެއް ނުވަތަ ފަޅެއް، އެ ކައުންސިލަށް މަޝްވަރާނުކޮށް ސަރުކާރަށް ނުނެގޭނެ ކަމަށެވެ. 

ބިލުގައި ހަންނާނު ހުށަހަޅުއްވާފައި އޮތީ ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ބިމެއް، ރަށެއް ނުވަތަ ފަޅެއް ކެބިނެޓް ބައްދަލުވުމެއްގައި ނިންމާ ނިންމުމަކުން ވަކި ކުރެވިދާނެ ކަމަށެވެ.

ކުޑޫ ހުށަހެޅުއްވި އިސްލާހުގައި އޮތީ ކައުންސިލްތަކާ މަޝްވަރާނުކޮށް އެގޮތަށް ނުނިންމޭނެ ކަމަށެވެ.

ބިމެއް ވަކިކުރާ ނަމަ ކައުންސިލްތަކާ މަޝްވަރާކުރުމުގެ އިތުރުން އެކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ޕަބްލިކް ފޯރަމެއް ބާއްވަން ލާޒިމުކުރަން ވެސް އޭނާ ހުށަހެޅުއްވި އެވެ. 

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ތަންތަން ސަރުކާރަށް ނަގާ ނަމަ އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބޭނެހެން އެކަމާ ބެހޭ މައުލޫމާތު އާއްމުކުރަން ސަރުކާރަަށް ލާޒިމުކުރަން ވެސް އެ އިސްލާހުގައި ވެ އެވެ. 

މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި އެ ބިލާ ދެކޮޅު ހައްދަވައި، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެއީ ސަރުކާރުން އޭނާއާ ހަވާލުކުރި ބިލެއް ކަމަށް ވެސް ބައެެއް މެމްބަރުން ތުހުމަތުކުރެއްވި އެވެ.