އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އޮސްޓްރޭލިއާ އާއި އިންޑޮނީޝިއާގެ ކުރިމަތިލުމުގައި ރާއްޖޭގެ އަހްމަދު ޝަކީބް (ޑޮކް) އާއިި އަބްދުލް ހަމީދު އަބްދުލްޣަފޫރު (އައްޑޯ) މެޗުގެ އެންމެ އިސް ދެ އޮފިޝަލުންގެ މަގާމު އަދާކުރައްވައިފި އެވެ.
ގުރޫޕް ޖީ ގައި ރޭ ކުޅުނު މެޗުގެ މެޑިކަލް ހެޑްގެ ގޮތުގައި ހަރަކާތްތެރިވީ ޝަކީބެވެ. އައްޑޯ އަދާކުރެއްވީ ހަމަ އެ މެޗު ކޮމިޝަނަރު ކަމެވެ.
އޮސްޓްރޭލިއާއިން ރޭގެ މެޗު ކާމިޔާބު ކުރީ 3-2 އިންނެވެ.
ތަޖިކިސްތާންގެ ވެރިރަށް ޑުޝާންބެގައި ދެ ގުރޫޕެއްގެ މެޗުތައް ކުރިއަށް ދެ އެވެ. އެއީ ގުރޫޕް ޖީގެ އިތުރުން ގްރޫޕް ބީ އެވެ. އެ ގުރޫޕްގައި ޑޮކް އަދާކުރައްވަނީ ޑޮޕިން އެންޑް އިންފެކްޝަން ކޮންޓްރޯލިން އޮފިސަރުގެ މަގާމެވެ. ގުރޫޕް ޖީގައި އަދާކުރައްވަނީ މެޑިކަލް އެންޑް ޑޮޕިން ކޮންޓްރޯލިން އޮފިސާގެ މަގާމެވެ. އެ ދެ ގުރޫޕްގެ ކަންކަން އޭއެފްސީން ޑޮކް ހަމަޖެއްސީ އޭއެފްސީގެ އެލީޓް މެޑިކަލް އޮފިސަރެއްގެ ގޮތުގަ އެވެ.
އެ މަގާމަށް އޭއެފްސީން ޑޮކްގެ ނަން ނޮމިނޭޓްކުރީ ފީފާ އާއި އޭއެފްސީގައި އޭނާ ފުރިހަމަކޮށްފައިވާ ޕްރޮގްރާމްތަކަށް ބެއްލެވުމަށް ފަހު އެވެ. ފީފާ ފުޓްބޯލް މެޑިސިން އިން ޑިޕްލޮމާ ހާސިލު ކުރައްވާފައިވާ ޑޮކް ވަނީ، އޭއެފްސީ އެލީޓް މެޑިކަލް އޮފިސާ ކޯހާއި އޭއެފްސީ ޓީމް ފިޒިކްސް ޕްރޮގްރާމްގެ އިތުރުން އެޑްވާންސް ކާޑިއޯވާސްކިއުލާ ލައިފް ސަޕޯޓް ކޯސް ވެސް ފުރިހަމަ ކުރައްވައިފަ އެވެ. އެ މަގާމަށް ޝަރުތުހަމަވާނީ ވެސް އެ ކޯސްތައް ފުރިހަަމަ ކުރުމުންނެވެ. އޭގެ އިތުރަށް ޑޮކް އެ މަގާމަށް ނެގީ ފީފާ އާއި އޭއެފްސީން ކުރި އިންޓަވިއުތަކަށް ފަހު އެވެ.
ޑުޝާންބެގައި ކުރިއަށްދާ ކޮލިފައިންގައި ރާއްޖޭގެ ރެފްރީ އާދަމް ފަޒީލް އާއި އެސިސްޓެންޓް ރެފްރީ އަހްމަދު އަބްދުﷲ ވެސް ހަރަކާތްތެރި ވެއެވެ. އަހްމަދު ރޮނގު ބެލަހައްޓައި ފަޒީލް ފޯތު ރެފްރީކަން ކުރި މެޗެއްގައި ޑޮކް ވަނީ މެޑިކަލްގެ ހެޑްގެ މަގާމު ފުރުއްވައިފަ އެވެ. އެހެންނަމަވެސް ރޭ އޮސްޓްރޭލިއާ އާއި އިރާގް ކުޅުނު މެޗަކީ މި ފަހަރުގެ ކޮލިފިކޭޝަންގައި ދެ ދިވެއްސަކު އެންމެ އިސް މަގާމު އަދާކުރެއްވި ދެ މެޗެވެ.
ކޮލިފިކޭޝަންގައި ރާއްޖޭގެ މެޗު ކޮމިޝަނަރު އަހްމަދު ޝާހިރުގެ އިތުރުން ރެފްރީ މުހައްމަދު ޖާވިޒް (ޖޭޑް) އެސިސްޓެންޓް ރެފްރީ ޖައުފަރު ރަޝީދު ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވަ އެވެ. ޝާހިރު މަސައްކަތްކުރައްވަނީ ޖަޕާން ހިމެނޭ ގުރޫޕް ކޭ ގަ އެވެ. އެ ގުރޫޕްގެ މެޗުތައް ކުރިއަށްދަނީ ޖަޕާންގަ އެވެ. ޖާވިޒް އާއި ޖައުފަރު ހާއްސަވެގެން ހުރީ ޔޫއޭއީ ހިމެނޭ ގުރޫޕް އީ ގެ މެޗުތަކަށެވެ.