ފަނޑިޔާރުން ނިންމުންތައް ނިންމައި ގޮތް ކަނޑައެޅުމުގައި އޭއައިގެ އެހީ ބޭނުންކުރަން ދޫކޮށްލެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، އުޒްބެކިސްތާންގެ ސަމަރުގަންދުގައި ކުރިއަށް ގެންދާ އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓްސް އެންޑް އިކުއިވަލަންޓް އިންސްޓިޓިއުޝަންސް (އޭއޭސީސީ)ގެ ހަތްވަނަ ކޮންގްރެސްގައި ތަގުރީރު ކުރައްވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ތަގުރީރު ކުރެއްވީ މައްސަލަތައް ލަސްނުވެ އަވަސް އިންސާފަށް، އަދުލު އިންސާފު ގާއިމު ކުރުމުގެ ފެންވަރު ރަނގަޅުކޮށް އިތުބާރު އުފެއްދުމުގެ ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރާ ގުޅޭ ގޮތުންނެވެ.
އުއްތަމަފަނޑިޔާރު ތަގުރީރުގައި ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ނިންމުމުގެ ހާއްސަ މަސައްކަތްތައް ރާއްޖޭގައި ކުރިއަށް ގެންދާ ގޮތާއި ޓެކްނޮލޮޖީ އަދި ކޯޓުގައި ހުރި މައްސަލަތައް ލަސްވާ ސަބަބު އޭއައިގެ އެހީގައި ދެނެގަތުމަށާއި ޝަރީއަތުގެ މަސައްކަތްތައް އަވަސް ކުރެވިދާނެ ގޮތްތަކަށް އަލި އަޅުވާލެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ޓެކްނޮލޮޖީ އާއި އޭއައި ކުރިއަރައިގެން ދިޔަ ނަމަވެސް ފަނޑިޔާރުން ކުރައްވާ މަސައްކަތް ނުވަތަ ކޯޓަށް ހުށަހަޅާ މައްސަލައަށް ގޮތް ނިންމުމުގައި ފަނޑިޔާރުގެ ދައުރު އަލްގޯރިދަމްއަކަށް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ޖުޑީޝަރީތަކުން އަމާޒު ހިފަންޖެހޭނީ އޭއައި ފަދަ ޓެކްނޮލޮޖީތަކަކީ ޖުޑީޝަރީތަކަށް އެހީތެރިވެދޭ ޓެކްނޮލޮޖީތަކެއް ކަމުގައި ހެދުމަށް ކަމަށް ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ޖުޑީޝަރީގައި ވެސް މި އުސޫލުން ބައެއް މަސައްކަތް ކުރެވޭ ކަމަށާއި ރާއްޖޭގައި ވަށާޖެހޭ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ބޭނުންކުރުމަކީ ކުރެވޭ ތަސައްވުރެއް ކަމެއް ކަމަށް ޣަނީ ވިދާޅުވި އެވެ.
މި ކޮންގްރެސްގެ ހަވާސާގައި ކޮންގްރެސްގައި ބައިވެރިވެވަޑައިންނެވި އެހެން ގައުމުތަކުގެ އުއްތަމަ ފަނޑިޔާރުންނާއި ދުސްތޫރީ ކޯޓުތަކުގެ ފަނޑިޔާރުންނާ ޖުޑީޝަރީތަކުގެ އިސްވެރިންނާ ދެމެދު ބޭއްވި މުހިއްމު މަޝްވަރާތަކެއްގައި އުއްތަމަފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ކޮންފަރެންސްގައި ދުސްތޫރީ ކޯޓުތަކުގައި އޭއައި ބޭނުން ކުރުމާ ބެހޭ ގޮތުން ބައިވެރިން އެއްބަސްވާ ހަމަތަކުގެ މައްޗަށް ބިނާވާ ގަރާރެއް "ސަމަރުގަންދު ޑިކްލަރޭޝަން"ގެ ނަމުގައި އެކުލަވާލައި ފާސްކުރި އެވެ.