އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތްކުރާ ދެ މީހަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އަށް ފަރުވާ ދޭ ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ވެލިދޫގައި މަސައްކަތްކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް ފިރިހެން މީހާ ދަންވަރު އެކަހެރިކޮށް، ބައްދަލުކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މިކަމާ ގުޅިގެން ފުލުހުން ކުރިން ބުނެފައިވަނީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް، ޖިންސީ ފުރައްސާރައިގެ ކަމެއް ހިނގައިގެން އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ ކަމެއް ތަހުގީގު ކުރަމުން ވެސް ނުދާ ކަމަށެވެ.
މީހުން ކަރަންޓީން ކޮށްފައި ތިބޭ ވެލިދޫގައި އެކެއްގެ ކޮޓަރިއަށް އަނެކަކު ގޮސް އުޅުމަކީ މަނާ ކަމެކެވެ. ފުލުހުން ބަލާ ޝަކުވާ އަކީ ކޮބައިކަމެއް ނުބުނެ އެވެ.
ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ "އއ.ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތްކުރާ ދެ މީހަކާ މެދު ޝަކުވާއެއް ހުށަހެޅި އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދަނީ" ކަމަށެވެ.
ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުންނެވީ، މޭޖާ ރޭންކުގެ ސިފައިންގެ މީހެކެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު އެކަން ފަޅާ އެރީ ސިފައިންގެ އޮފިސަރުގެ ކޮޓަރިން ޑޮކްޓަރު ނުކުތްތަން އެ ރަށުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ފެނިގެންނެވެ.
ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ހިންގަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ. އެ ތަންތަނުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓާއިރު ކޮންމެ ތަނެއްގައި ވެސް ނަރުހުންނާއި ޑޮކްޓަރުން ތިބެ އެވެ.