ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުގެ ސަބަބުން އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ބޭތިއްބި މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ. އެކަމަކު، އެއިން އެއްވެސް މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްއެއް ނުވެ އެވެ.

ރާއްޖެ އިން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން ކޮވިޑް-19 ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފެއްގެ އިތުރުން 11 ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ 13 މީހުން ވެސް ރަނގަޅު ވެފައިވާ ކަމަށާއި އެކަމަކު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ ކަމަށް އެޗްޕީއޭ އިން ކުރިން ވަނީ ބުނެފަ އެވެ.

މި 13 މީހުން ރަނގަޅުވިކަން އިއުލާން ކޮށްފައި ވަނިކޮށް، ފަހުން ވަނީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ ހަތަރު ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ސަފާރީ 1 ގައި ތިބި ދެ ޓޫރިސްޓަކު ފުރި ފަހުން އެ މީހުންގެ ނަތީޖާ އެޗްޕީއޭ އަށް ލިބުނުއިރު އޮތީ ޓެސްޓް ޕޮޒިޓިވް ވެފަ އެވެ. އެ ދެ ޓޫރިސްޓުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނުނަސް ސާމްޕަލް ނަގައި ޓެސްޓު ކުރީ އެޗްޕީއޭ އިން ހަދާ ދިރާސާ އަކަށެވެ.

އެންއީއޯސީން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެެޗުގެ ޑރ. މޫސާ މުރާދު ވިދާޅުވި ގޮތުގައި، ޓެސްޓް ކުރާ މީހުންގެ ނަތީޖާ ނެގެޓިވްވި ވިޔަސް "ހައި ރިސްކް ސަސްޕެކްޓްސް" ކަރަންޓީން ކުރެ އެވެ. މީގެ ތެރެއިން ހަތަރު މީހެއްގެ ސާމްޕަލް ދެވަނަ ފަހަރަށް ޓެސްޓުކޮށް، ޑަބަލް ނެގެޓިވްވުމުން މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލަމުންދާ ނެގެޓިވް ވެފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ދޫކޮށްލާފައި ވެސް ވާނެ ދެ ސާމްޕަލް ނެގެޓިވް ވެގެން. އަޅުގަނޑުމެން ނެގެޓިވް މީހުން ތެރެއިން ބަލަހައްޓަނީ ތަންކޮޅެއް ސިމްޕްޓޮމެޓިކް ސަސްޕިޝަން ބޮޑު މީހުން،" ޑރ. މުރާދު ވިދާޅުވި އެވެ.

އެކިއެކި ފެސިލިޓީތަކުގައި ކަރަންޓީން ކޮށްފައިވާ ބައެއް މީހުންގެ ކަރަންޓީންގެ މުއްދަތު ހަމަވާން ކައިރިވެފައިވާ ކަމަށް ވެސް ޑރ. މުރާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން ނަމަ، 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ. ކަރަންޓީންގެ 14 ދުވަސް ހަމަވުމުން 15 ވަނަ ދުވަހު އެ މީހާގެ އިތުރު ޓެސްޓެއް ހަދާނެ އެވެ. ކަރަންޓީންގައި ހުންނަ މީހަކު ދޫކޮށްލަނީ އެންމެ ފަހުން ހަދާ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

ނަމަވެސް އެ މީހާ ދޫކޮށްލާއިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން "އެގްޒިޓް ސްކްރީނިން" އެއް ހަދަ އެވެ. އެއީ އެ މީހެއްގެ ގައިގައި ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށެވެ. އަދި އެ މީހާ ކަރަންޓީނުން ދޫކޮށްލާނީ އެފަދަ އެއްވެސް އަލާމާތެއް ނެތް ނަމަ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

ރާއްޖޭގެ އެކިއެކި ކަރަންޓީން ފެސިލިޓީތަކުގައި މިހާރު 800 އަށް ވުރެ ގިނަ މީހުން ތިބި އިރު އައިސޮލޭޝަންގައި ވެސް 18 މީހަކު އެބަތިއްބެވެ.