އައިޓީއެފް ވޯލްޑް ޖޫނިއާ ޓެނިސް އޭޝިއާ/ އޯޝޭނިއާ ސަރަހައްދުގެ ޕްރީ ކޮލިފައިން އިވެންޓުގައި ވާދަކޮށް ރާއްޖޭގެ 14 އަހަރުން ދަށުގެ ޓީމުން އުންމީދީ ނަތީޖާއެއް ހޯދައިފި އެވެ.
ސްރީލަންކާގައި މިމަހުގެ 12-17 އަށް ކުރިއަށް ގެންދިޔަ ޕްރީ ކޮލިފައިންގެ އެއްވަނަ އަދި ދެވަނަ ހޯދައިގެން ފައިނަލް ބުރަށް ހޮވޭނެ އެވެ. އެ ފަހުރު ހޯދީ އިންޑިއާ އާއި އިންޑޮނޭޝިއާގެ އިތުރުން ސްރީލަންކާ އާއި ނޭޕާލެވެ. ނަމަވެސް ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ.
އެގޮތުން އަންހެން ޓީމު، ވާދަކުރި 14 ގައުމުގެ ތެރޭން ވަނީ ފަސްވަނަ ހޯދައިފަ އެވެ. ފިރިހެން ބައިގައި ވާދަކުރި 21 ގައުމުގެ ތެރޭން ރާއްޖެއަށް ލިބުނީ 14 ވަނައެވެ.
ރާއްޖޭން ވާދަކުރި އަންހެން ޓީމުގައި ހިމެނެނީ ނަބާ ނިޝާން އާއި މަންހާ މުހައްމަދު އަލީ އަދި ލާރާ އަހުމަދު ޔަޒީލް އެވެ. މި ޓީމުގެ ކޯޗަކީ އިވޯ ފޮންސެކާ އެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އާދަމް އާލް ނިޔާޒް އާއި މިކާ މުހައްމަދު ކަލީމް އަދި ލޫތު އަގްލީމް އަހުމަދެވެ. މި ޓީމަށް ކޯޗު ކޮށްދެނީ ކުމާރު އަދިކާރީ އެވެ.
އިންޑިއާގެ ފިރިހެން ޓީމު އެއްވަނަ ހޯދީ ފައިނަލްގައި މުބާރާތް ބޭއްވި ސްރީލަންކާ ބަލިކޮށްފަ އެވެ. އަދި އަންހެން ބައިގެ އެއްވަނަ އިންޑޮނޭޝިއާ ހޯދީ ފައިނަލްގައި ނޭޕާލް ބަލިކޮށްފަ އެވެ.
ޖޫނިއާ ޓެނިސް ޓީމަށް ދެން އޮތީ، ޑާވިސް ކަޕް ޖޫނިއާ އަދި ބިލީ ޖީން ކިންގް ކަޕް ޖޫނިއާ ޕްރީ ކޮލިފައިން މުބާރާތެވެ. ރާއްޖެ ހިމެނޭހެން އޭޝިއާ/ އޯޝޭނިއާ ސަރަހައްދުގެ 31 ގައުމު ވާދަކުރާ މި މުބާރާތް ވެސް އޮތީ ސްރީލަންކާގަ އެވެ.