ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބު ހޯދައިފި އެވެ.

މިރޭ ކުޅުނު ފައިނަލު މެޗު ބުރު ކާމިޔާބު ކުރީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބިސް ބުރު ސްޕޯޓްސް ބަލި ކުރުމަށް ފަހު އެވެ. ކްލަބު އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހްމަދު ނިމާދު (ނިމާ) ކޯޗު ކޮށްދިން ބުރު ސްޕޯޓްސް ކްލަބަށް ވަނީ ފުރަތަމަ ޑިވިޝަންގައި ކުޅުނު ތަޖުރިބާކާރު ކުޅުންތެރިން ކުޅެފަ އެވެ.

ފާހަގަކުރެވޭ ކުޅުންތެރިންގެ ތެރޭގައި ކްލަބު ގްރީން ސްޓްރީޓަށް ކުރިން ކުޅުނު ފޯވަޑް، ޔޫކްރޭން ސޯބޯލް އިލިއާ އާއި އީގަލްސްގެ ކުރީގެ ކީޕަރު މިފްދާދު އަހްމަދު އަދި ކުރިން އީގަލްސް އަށް ކުޅުނު އިބްރާހިމް މުބީން (މުއްކި) އާއި މާޒިޔާ އާއި އީގަލްސް އަދި ވިކްޓަރީއަށް ކުޅުނު މުހައްމަދު ތަޝްމީން (ތައްތު) ވެސް ވަނީ ބުރަށް ކުޅެފަ އެވެ. ބުރަށް މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެ ޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިންްނެވެ. އިލިއާގެ އިތުރުން ޔޫކްރޭންގެ ފޯވަޑް ވޭޑަމް ޕެޓްރޯވް އަދި އެ ގައުމުގެ ޑިފެންޑަރު ރޯމަން ކުޑުޗެންކޯ ވަނީ ބުރުގެ ކާމިޔާބުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މިރޭ ކުޅުނު ފައިނަލު މެޗުގައި ޕެޓްރޯވް ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. ތައްތި ވެސް ދެ ލަނޑު ޖެހި އެވެ. އަދި އަބްދުﷲ ޝާފިއު ވެސް ދެ ލަނޑު ޖެހި އެވެ. އަދި އިލިއާ ވެސް ވަނީ އެއް ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑަކީ ބިސް ބުރު ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތައްތި އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބިސް ބުރުގެ ވިސާމް އަބްދުﷲ އެވެ. ފެއާޕްލޭ ޓީމަކީ ބުރު އެވެ.

މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމުން ބުރު އަދި ބިސް ބުރު ވެސް ވަނީ ދެ ވަނަ ޑިވިޝަނަށް ކޮލިފައިވެފަ އެވެ. ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ކުރީގެ ގަދަ ދެ ބާރު ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ސަސްޕެންޝަނުން ސަލާމަތް ނުވެއްޖެ ނަމަ އެ ދެ ޓީމުގެ ބަދަލުގައި އެ ޖާގަތައް ލިބޭނީ ތިން ވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ދިޔަ އަނެއް ދެ ޓީމު ކަމަށްވާ ކްލަބު އޮންލީ ވަން އޮޕަޗޫނިޓީ އާއި އެލްޓީ އަށެވެ.