ކޮވިޑް-19 އާ ގުޅިގެން ތިން މަސް ވަންދެން ތިން ވަނަ ޑިވިޝަންގެ ކުޅުނު މެދުކަނޑާލުމަށް ފަހު މިއަދު އަލުން ފަށައިފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަކުރީ، ޓެންޓް ސްޕޯޓްސް ކްލަބާއި ތުޅާދޫ އެވެންޗްއާސް ސްޕޯޓްސް އެވެ. މާފަންނު ސްޓޭޑިއަމްގައި އޮންނަ އެފްއޭއެމްގެ ޓާފް 1 ގައި ކުޅުނު މެޗު ޓެންޓް ކާމިޔާބު ކުރީ 6-2 އިންނެވެ.
މުބާރާތުގައި މި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ މެޗު ޑޭއެއްގައި ދެ މެޗު ކުޅޭނެ އެވެ. އެއީ ހަވީރު މެޗެއް އަދި ރޭގަނޑު މެޗެކެވެ. އާދިއްތަ ދުވަހާ ހަމައަށް މުބާރާތުގެ ގުރޫޕް ސްޓޭޖު ހުރިހާ މެޗެއް ނިމޭނެ އެވެ. މުބާރާތް ކުރިއަށް ދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.
ކުއާޓާ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް ގަދަ ދެ ޓީމެވެ. ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ ބުދަ ދުވަހު އެވެ. ސެމީ ފައިނަލު ދެ މެޗު އޮންނާނީ މިމަހު 15 އަދި 16 ގަ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ. ދެ ވަނަ ޑިވިޝަނަށް ކޮލިފައި ވާނީ ފައިނަލަށް ދާ ދެ ޓީމެވެ.
މުބާރާތުގެ ކުޅުން މީގެ ކުރިން ކުރިއަށް ގެންދިޔައީ މެއި މަހު 1 ވަނަ ދުވަހު އެވެ. އޭގެ ފަހުން މުބާރާތް މެދުކަނޑާލީ އެވެ.